މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގައި، އެ މައްސަލާގައި ތުހުމަތު ކުރެވޭ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު ނޫން މީހަކު ހަރަކާތްތެރި ނުވާ ކަމަސް ފުލުހުން ބުނެފިއެވެ.

ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްމުން ފުލުހުން ބުނީ، ގާސިމް މަރާލުމުގައި އަދުހަމް ނޫން އިތުރު މީހަކު ހަރަކާތްތެރިވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް، އޭނާ އެވަގުތު ލައިގެން ހުރި ގަމީސް ހުޅުމާލޭގައި ފޮރުވުމަށްފަހު، އެހެން ގަމީހެއް ހޯދާ، މާލެ ދިއުމުގައި އިތުރު މީހެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ބެލެވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ އަދުހަމްގެ އަންނައުނު ހޯދާފައެވެ. އޭގެ ތެރޭގައި، ގާސިމަށް ހަމަލާދިން ވަގުތު އޭނާ ލައިގެން ހުރި އަންނައުނާއި، ހަމަލާ ދިނުމަށްފަހު އޭނާ ހުޅުމާލެއިން ހޯދި ގަމީސް ވެސް ހިމެނެއެވެ. މި މައްސަލާގައި އަދުހަމް އަތުލައިގެންފައި ވަނީ، ކާރުތެރެއިންނާއި އެކި ގޮތްގޮތުން ފުލުހުން ހޯދި ފޮރެންސިކް ހެކިތަކަށް ބިނާކޮށެވެ. ގާސިމް މަރާލި ކަމަަށް އަދުހަމް އިއުތިރާފް ވެފައިވީ ނަމަވެސް، މި މައްސަލަ ބިނާ ކުރާނީ އިއުތިރާފުގެ މައްޗަށް ނޫން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަދުހަމް މާލެތެރޭގައި އުޅެމުން ދިޔައީ ޑްރަގް ކޯޓުން އޭނާގެ މައްޗަށް ރިހިބިލިޓޭޝަން އަމުރެއް ނެރެފައި ވަނިކޮށް ކަމަށެވެ. ގާސިމް މަރާލި ދުވަހު މެންދުރު އަދުހަމް ހުޅުމާލެއަށް ދިޔައީ އިތުރު މީހަކާއި އެކު މަސްތުވާތަކެތި ބޭނުން ކުރުމަށްފަހު ކަމަށެވެ. އަދި ހުޅުމާލޭގައި ވެސް އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދުހަމަކީ ވައްކަމާއި، ފޭރުން އަދި މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހެކެވެ.

ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައިވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.