މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާދީފައިވަނީ އޭނާ މަރާލަން ނޫން ކަމަށާއި، މަސައްކަތް ކުރީ ފޭރެން ކަމަށް ފުލުހުން ބުނެފިއެވެ.

ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ވަނީ މިއަދު އެ މައްސަލައާ ގުޅޭ ގިނަ ތަފްސީލުތަކެއް ހާމަކޮށްފައެވެ. އެގޮތުން، ފުލުހުން ބުނީ، ގާސިމް މަރާލި ކަމަށް ބެލެވޭ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދު އެދުވަހު މަސައްކަތް ކުރީ މީހަކު މެރުމަށް ނޫން ކަމަށާއި، ފޭރުމަށް ކަމަށެވެ.

ފުލުހުން ބުނީ ގާސިމް މަރާލި ދުވަހު މެންދުރުއްސުރެ އަދުހަމް ދިޔައީ މަސްތުގެ ހާލަތުގައި ހުރެ ފޭރެން މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް، އެކަށީގެންވާ މީހަކު ނުފެނި، ހުޅުމާލޭގައި ފުލުހުން ހަރަކާތްތެރިވާލެއް ގިނަ ކަމުން އޭނާއަށް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. ދެން ،އޭނާ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުމަށްޓަކައި މަސް ކެނޑުމަށް ކަމަށް ބުނެ ހުޅުމާލޭ ކެފޭ އަކުން އޭނާ ވަނީ ވަޅިއެއް ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފޭރުމުގެ ފުރުސަތެއް ހޯދުމަށް އަދުހަމް ޓެކްސީ އަކުން ހުޅުލެއަށް ގޮސްފައިވާއިރު، އެ ޓެކްސީ ޑްރައިވަރު އަތުން ފޭރުމަށް ވެސް އޭނާ ގަސްތު ކުރި ކަމަށް ވެއެވެ. ނަމަވެސް، އެ ޑްރައިވަރަކީ ފޭރުމަށް އެކަށީގެންވާ މީހެއް ނޫން ކަމަށް އޭނާއަށް އިހުސާސްވެ، އޭނާ މަސައްކަތް ކުރީ ހުޅުލެއިން އިތުރު ޝިކާރައެއް ހޯދުމަށެވެ. ފުލުހުންގެ ހަރަކާތް ގިނަ ކަމުން އެއާޕޯޓުން ފޭރުމުގައި އަދުހަަމަށް ކާމިޔާބު ނުލިބުމުން އަދުހަމް މަސައްކަތް ކުރީ އުމުރުން ދުވަސްވީ ޓެކްސީ ޑްރައިވަރުންނަށް އަމާޒު ކޮށްގެން އެމީހުން އަތުން ފޭރުމަށެވެ. އޭނާ ގާސިމްގެ ޓެކްސީ އަށް އެރީ އެހިސާބުންނެވެ.

އަދުހަމް ގާސިމްގެ ކާރަށް އަރާފައިވަނީ ހާފްވޭ ހައުސްއަށް ގެންގޮސްދިނުމަށް އެދިއެވެ. އެއީ އެ ސަރަހައްދަކީ އަނދިރި ސަރަހައްދަކަށް ވެފައި އަދުހަމް ގަސްތު ކުރީ ހާފްވޭ ހައުސްއަށް ދާ މަގުން ގާސިމަށް ބިރު ދެއްކުމަށެވެ. ނަމަވެސް އެވަގުތު އެ ސަރަހައްދުގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރި ވެފައިވުމާއި އެކު އޭނާއަށް އެކަން ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ. އެހިސާބުން ހާފްވޭހައުސަށް ވަނުމަށް ބޭނުންވާ ކާޑެއް އޭނާ އަތުގައި އޮންނަ ކަމަށާއި، އެ ކާޑު ނެގުމަށް އިތުރު މަންޒިލަކަށް ދަތުރު ކުރަން ޖެހޭ ކަމަށް ބުނެ ގާސިމަށް އޮޅުވާލައިގެން އަދުހަމް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިި ދުއްވާފައެވެ.

ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައިވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ. ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.