މިސްކިތެއްގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:12 އެހާކަންހާއިރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޝަހީދު އަލީ މިސްކިތު ތެރެއަށް އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ ވަނީ ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

އައިޖީއެމް ހޮސްޕިޓަލަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މިސްކިތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 83 އަހަރުގެ މީހަކެވެ.

މަރުވި މީހާއަކީ އެ މިސްކިތަށް ވަރަށް ގިނައިން ނަމާދަށް އަރާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އުމުރުން ދުވޗަސްވީ މީހަކު މަރުވެފައި އޮއްވާ ފެނުނު އިރު މި މަހުގެ ދެވަނަ ދުވަހުވެސް މާފަންނުގައި ހުންނަ ގެއެއްގައި އުމުރުން 60 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުގެ ޑޮކްތަރުން ބުނެއެވެ.