ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ރޭ ފަތިހު ދިވެހިންތަކެއް ދަތުރުކުރަމުން ދިޔަ ޓެކްސީއެއް ފުރޮޅާލައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީން ދަތުރުކުރި ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދިވެހި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އާއިލާއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށާއި އެކްސިޑެންޓާ ގުޅިގެން ކުރިމަތިވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުންދޭ ކަމަށްވެސް އެމްބަސީން ވަނީ ބުނެއެވެ.

އެކްސިޑެންޓު ވެފައިވަނީ އެމީހުން ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓުން އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ކާރު އެކްސިޑެންޓުވި އިރު، ކާރުގައި ތިން ދިވެހިން ތިއްބެވެ. އަދި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދެމުން ދާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރު ނިދި ޖެހިގެން ގޮސް ކާރު ކޮންކްރީޓް ބޮލްކަކަށް އެރުމުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ. ހާދިސާ ހިނގާފައި ވަނީ ބެންކޮކް ގަޑިން 3:30 ހާއިރުއެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު ހައްޔަރު ކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.