މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި، އިތުރު ކުށްވެރިން ލާނެ ޖާގަ ނެތުމުން، ބައެއް ކުށްވެރިން ދޫނިދޫގައި އެބަ ތިއްބެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ކަރެކްޝަންސްއާ ހަވާލުކުރަން ޖެހޭ 58 ގައިދީން މިވަގުތު ދޫނިދޫގައި އެބަ ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބައެއް ކުށްވެރިން ދޫނިދޫގައި ތިބީ، ކަރެކްޝަންގެ ޖަލުތައް ފުރި، ޖާގަ ނެތުމުން އެމީހުންނާއި ހަވާލުވުމަށް ކަރެކްޝަން އިން އުޒުރުވެރި ވެފައިވާތީ ކަމަށެވެ.

ދޫނިދޫއަކީ ކުށްވެރިން ބޭތިއްބުމަށް އެކަހެރި ޖަލެއް ހަދާފައި ހުންނަ ތަނެއް ނޫނެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، ކަރެކްޝަންއާ ހަވާލުކުރަން ޖެހޭ ބައެއް ކުށްވެރިން ފުލުހުންގެ ބަންދުގައި ތިބެ ގިނަ ދުވަސްވުމުގެ ސަބަބުން އެމީހުންގެ ހައްގުތަކުން މަހުރޫމުވާތީ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެއްޓުމުންނެވެ.

ފުލުހުން ބުނީ ކަރެކްޝަންއާ ހަވާލު ނުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އިއްޔެއިން ފެށިގެން ދެ ނަމްބަރު ޖަލުގައި ތިބި 8 މީހަކު ވަނީ ކެއުމަށް އިންކާރު ކޮށްފައި ކަމަށެވެ. ނަމަވެސް، ކާން އިންކާރު ކުރި 8 މީހުންގެ ތެރެއިން 7 މީހަކު މިއަދު ހެނދުނުން ފެށިގެން ކާން ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.