ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ސަލާމަތްކޮށް އަނބުރާ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ސީރިއާގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޓީމެއް އެއްވެސް އިރެއްގައި ސީރިއާގައި ހަރަކާތްތެރިވެފައި ނުވާ ކަމަށާއި މިހާރު ވެސް ސީރިއާގައި ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. ނަމަވެސް އެ ގައުމުގައި ތާށިވެފައި ތިބި ބައެއް ދިވެހިން ރާއްޖެ ގެންނަން ސަރުކާރުން ނިންމާފައި ވާތީ ކަމާ ބެހޭ ވުޒާރަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓުކޮށް ގެނެސްދީފައި ވާ މައުލޫމާތަކާ ގުޅިގެންނެވެ. އެ މައުލޫމާތުގައި ވާ ގޮތުގައި ސީރިއާއަށް ގޮސް އުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ދިވެހި ފުލުހުން ހިމެނޭ ގޮތަށް ސަލާމަތީ ބާރުތަކުގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުން ދާ ކަމަށް ބުނެފައި ވެއެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200 އަށްވުރެ ގިނަ ކައުންސިލަރުންނާ އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ ސީރިއާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިއާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ.

ސީރިއާގައި ތިބި ދިވެހިން ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ރައީސް ވިދާޅުވެފައި ވަނީ ސީރިއާގެ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނާއި ސަރުކާރާ މިހާރު ވާހަކަ ދެކެވޭ ކަމަށެވެ.

އެފަދަ ގައުމުތަކަށް ހަނގުރާމަ ކުރަން ގޮސް ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނެސް އަދި ހަރުކަށިފިކުރުގައި ތިބި މީހުނަށް ރިހެބިލިޓޭޝަން ދޭން ލާޒިމުކޮށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ. އަދި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން އަނބުރާ ރާއްޖެ ގެންނަ ދިވެހިން ރިހެބިލިޓޭޓް ކުރާނެ މަރުކަޒެއް ކ. ހިންމަފުށީގައި އެޅުމުގެ މަސައްކަތް ފަށައިފައި ވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެފައި ވަނީވެސް ދާދި ފަހުންނެވެ.