ކަނޑުތައް ގަދަވެ ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދަށް އުފުލޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން ކުރިއަށް ލަފާ ގޮތަށް ބަލާއިރު މިއަދު ހެނދުނު 10:00 އިންް މާދަމާ ހެނދުނު 10:00 އާ ދެމެދު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.
މި 24 ގަޑިއިރު ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ، ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން އެންމެހާ ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން މާލެ އަތޮޅުން އައްޑޫ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ވަނީ ނެރެފައެވެ. އެގޮތުން މި ސަރަހައްދަށް މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސް މިފަދަ ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މެޓް އޮފީހުން އަންނަނީ އިލްތިމާސްކުރަމުންނެވެ. މި ދުވަސްވަރަކީ ބޮޑު ޗުއްޓި ދުވަސްވަރު ކަމުން ގިނައިން ރަށްރަށަށް ދާ މީހުންނާއި މާލެއަށް ކަނޑުމަގުން ދަތުރުކޮށްގެން އަންނަ އެތައް ބަޔަކު އުޅެއެވެ.
މޫސުން ރަގަޅު ވާނީ ކޮންއިރަކުންތަ ދެން