ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ދެ މައްސަލަ ބަލަމުންދާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން ބުނީ ރައީސް އަދި މާރިޔާއާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް އެކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެދެމައްސަލާގެ ތަހުގީގު މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސްގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ކުރެއްވި ދަތުރުފުޅުތަކެއްގައި ދައުލަތުގެ ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އޭރު ރައީސް އޮފީހުން ބުނެފައި ވަނީ ކެމްޕޭން ދަތުރުފުޅުތަކުގައި ރައީސް ރަސްމީ ލޯންޗުކޮޅު ބޭނުން ކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން ބޭނުންވެގެން ކަމަށެވެ. އަދި ކޮންމެ ދަތުރުފުޅެއްގެ ހަރަދުތައް ކުރީ އެމްޑީޕީން ކަމަށެވެ.

މިނިސްޓަރު މާރިޔާގެ މައްސަލައަކީ ޔުނައިޓެެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން އެ ތަނުގެ އިންޓީރިއާ މިނިސްޓަރާ ބައްދަލު ކުރެއްވުމުގައި އޭނާގެ ދަރިކަލުން ބައިވެރި ކުރެއްވި ކަމަށް ބުނާ މައްސަލައެވެ. މިނިސްޓަރު މާރިޔާގެ ދަތުރަކީ އަމިއްލަ ހައިސިއްޔަތުން ކުރެއްވި ދަތުރެއް ކަމަށާއި އެ ދަތުރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް މާރިޔާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ދެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުންގެ ގަނޫނީ ވަކީލުންގެ ޓީމުންނެވެ.

ރައީސް އަދި މާރިޔާގެ މައްސަލައިގެ އިތުރުން ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގެ ބަޖެޓުން ޓިކެޓި ނެގި ކަމަށް ބުނެ ހުށަހެޅި މައްސަލަ ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. ރައީސް ނަޝީދުގެ އެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައިއެވެ.