މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކް (އެފްބީ) ބޭނުންކުރަމުންދާ 267 މިލިއަން ޔޫޒާ އެކައުންޓްއަކާ ގުޅުންހުރި ޒާތީ މައުލޫމާތު، އިންޓަނެޓްގައި އާންމުކޮށްފައިވާކަމަށް ސެކިއުރިޓީގެ ރޮނގުން ދިރާސާތަކެއް ހަދަމުންދާ ޔޫކްރައިންގެ މީހަކު ހާމަކޮށްފިއެވެ.

ޔޫކްރައިންގައި ސެކިއުރިޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި ހިދުމަތް ދެމުން އަންނަ މިނިވަން ރިސާޗާ ބޮބް ޑިއާޝެންކޯ ބުނީ ނަމާ، ފޯނު ނަމްބަރުގެ އިތުރުން އެކައުންޓް ބޭނުންކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ޔުނީކް އައިޑެންޓިފިކޭޝަން ފަދަ މައުލުމާތު ފަސޭހަކަމާއެކު ލިބޭނެހެން ނެޓަށް ދޫކޮށްލާފައިވާކަމަށެވެ. މިއީ ޖިނާއީ ކުށްވެރިން އެ މައުލޫމާތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ މައުލުމާތު ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޑިއާޝެންކޯ ބުނީ އޭނާއަށް ފެނުނު ޑޭޓާ ބޭސްއަކީ ސާޗް އިންޖިންއަކާ ގުޅިފައިވާ ޑޭޓާ ބޭހެއް ކަމަށާ، ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް އެ މައުލުމާތު އިންޓަނެޓްއަށް ދޫވެފައި އޮތް ކަމަށެވެ. އެ ޑޭޓާ ބޭސް ހޮސްޓްކޮށްފައިވާ އިންޓަނެޓް ހިދުމަތް ފޯރުކޮށްދެމުންދިޔަ ފަރާތަށް އެކަން އަންގާފައިވާނެ ކަމަށާ، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ފެށިގެން އެ މައުލޫމާތަށް އެކްސެސް ނުލިބޭ ކަމަށްވެސް ޑިއޭޝެންކޯ ވަނީ ބުނެފައެވެ.

ކަންމިހެން އޮތް ނަމަވެސް ހެކަރުންގެ ފޯރަމްއަކަށް މި ޑޭޓާ ބޭސް ޑައުންލޯންޑްވެސް ކޮށްފައިވާކަމަށާ އޮންލައިން ޕްލެޓްފޯމުތަކުގައި ވައްކަން ކުރާ ފަރާތްތަކުގެ މެދުގައި މި މައުލުމާތުތައް އަދިވެސް ދައުރުކުރަމުން ދިއުން އެކަށީގެންވާކަމަށްވެސް ޑިއެޝޭންކޯ ވަނީ ހާމަކޮށްފައެވެ. ޑިއެޝޭންކޯ ބުނާ ގޮތުގައި ޑޭޓާ ބޭސްގައި ގިނައިން ހިމެނެނީ އެމެރިކާ ރައްޔިތުންނާ ގުޅުންހުރި ޔޫޒާ އެކައުންޓްތަކެވެ.

މިފަހަކަށް އައިސް ފޭސްބުކް މެދުވެރިކޮށް ޒާތީ މައުލޫމާތު ލީކުވާ މިންވަރު ދަނީ އިތުރުވަމުންނެވެ.