ކަސްޓަމްސްގައި ރަޖިސްޓްރީ ނުކޮށް، މުދާ އިމްޕޯޓްކުރުމަށާއި އެކްސްޕޯޓްކުރުމަށް ނުވަތަ ރީ-އެކްސްޕޯޓް ކުރަން އުޅެފި ނަމަ ޑިކްލަރޭޝަން ނިންމުމުގެ ގޮތުން ޕްރޮސެސިން ފީއެއް ނެގުމަށް ކަސްޓަމްސް އިން ނިންމައިފިއެވެެ.

ކަސްޓަމްސް އިން ބުނީ، މި ފީ ނަގާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ. ކަސްޓަމްސް އިން ބުނީ، މި ފީ ނަގަން ނިންމާފައި ވަނީ، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ދަށުން މުދާ އެތެރެކުރުމުގައި ކަސްޓަމްސްގައި ރަޖިސްޓްރީކުރުން އިސްތިސްނާ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުންގެ އަތުން ކަމަށެވެ.

އަންނަ އަހަރުން ފެށިގެން ޕްރޮސެސިން ފީ ނަގަން ނިންމާފައިވާ އިރު، ޕްރޮސެސިން ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސްއިން ކަނޑައާޅާ ސީއައިއެފް އަގުގެ 10 ޕަސެންޓެވެ. އަދި ޕްރޮސެސިން ފީ ނެގޭނީ ކޮމާޝަލް ކުއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށެވެ. ޕްރޮސެސިން ފީ ނެގޭ ހާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކަން ނުޖެހޭކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ގެދޮރު އިމާރާތްކުރުމަށާއި، އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީނުކޮށް މުދާ އެތެރެކުރާ ހާލަތުގައި، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްރޮސެސިން ފީ ނެގުމުން އިސްތިސްނާ ވާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ނަމަވެސް، އެ ފަރާތްތަކުން ގަވާއިދުގަިއވާ ގޮތުގެ މަތިން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަން ޖެހޭނެއެވެ.