ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާއި އެކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ 50 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އިންޒާރު ދިން މީހާ ދޫކޮށްލީ ވަކި ޝަރުތުތަކާއެކު ކަމަށެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާ ޗުއްޓީއަށް ކ. މާފުށްޓަށް ވަޑައިގެން ހުންނަވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މެޖިސްޓްރޭޓަކާއެކު މާފުށީގައި ކޮފީއެއް ބައްލަވަން ތަނެއްގައި އިންނަވަނިކޮށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށް ވެސް މައުލޫމާތުލިބެއެވެ.

ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފައި ވާއިރު، މިހާރަކަށް އައިސް ފަނޑިޔާރުންނަށް ދަނީ މިފަދަ އިންޒާރުތައް ލިބެމުންނެވެ. މި އިންޒާރުތަކަކީ އެ ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ނުވަތަ ކޮށްފައިވާ ހުކުމެއްގެ ސަބަބުން ލިބެމުންދާ އިންޒާރުތަކެއް ކަމެއް ނުވަތަ އެހެންވެސް ސަބަބަކާ ހުރެކަމެއް ސާފެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރު މަހު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ގެއްލުން ދީ އިންޒާރުގެ ލިޔުމެއްވެސް ލިޔެފައިވެއެވެ. އެގޭގެ ދޮރަށް ގެއްލުން ދިނުމަށް ބޭނުންކުރީ ކޯރާޑިއެކެވެ.