ރާއްޖޭގެ މި އަހަރުގެ "ބިޒްނަސް އޮފް ދަ އިޔާ" އެވޯޑް އުރީދޫއަށް ލިބިއްޖެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019" ގެ ބިޒްނަސް އޮފް ދަ އިޔާ އެވޯޑް ކާމިޔާބުކޮށް، މިއަހަރުގެ ބިޒްނަސް އެވޯޑުގެ ގިނަ އެވޯޑުތަކެއް އުރީދޯ ހޯދައިފިއެވެ.
އަހަރުގެ އެންމެ މޮޅު ކުންފުނީގެ އެވޯޑު އުރީދޫއިން ކާމިޔާބު ކުރި އިރު، އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ކާމިޔާބުކުރި ދެ އެވޯޑެއް މި އަހަރުވެސް ހޯދާފައެވެ. އެއީ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ" އެވޯޑާއި "އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން" އެވޯޑެވެ.
މީގެ އިތުރުން މިއަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑުގައި އަލަށް ތައާރަފު ކުރި "ޕީޕަލްސް ޗޮއިސް އެވޯޑްސް" ކެޓަގަރީން އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމުގެ އެވޯޑު ވެސް ވަނީ އުރީދޫއަށް ލިބިފައެވެ. އެ އެވޯޑު ލިބުނީ ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާއި ގުޅިގެން އުރީދޫއިން ކުރިއަށް ގެންދާ ސްމާޓް ސިޓީސް ޕްރޮޖެކްޓަށެވެ.
އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓާ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އުރީދޫއިން ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށްވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އެ އެވޯޑް ހަފްލާއަކީ މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބާއްވާ އެވޯޑް ހަފްލާއެކެވެ.