މިއަހަރުގެ ކުރީކޮޅު "ބުކިން" ހެދުމަށް ފަހު ރާއްޖެ އައުމުން ބުކިން ކެންސަލް ވެފައި ވާ ކަން އެނގުނު ފަތުރުވެރިން ތަކަކަށް "ޓޫރިސްޓް ޕޮލިސް" އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް އައި ހަންގޭރީ އާއިލާއަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ އާއިލާ އަކީ މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އައުމަށް ޓިކެޓް ނަގައި ބުކިން ހަދާފައި ވާ އާއިލާއެއް ކަމަށެވެ. ނަމަވެސް އެ ފަތުރުވެރިން ރާއްޖެ އައުމުން އެނގުނީ އެ މީހުން ހަދާފައިވާ ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި އެހީއަކަށް އެދި ޓޫރިސްޓް ޕޮލިހަށް ދިއުމުން އެމީހުންނަށް އެހީތެރިން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން އެ މީހުންނަށް އެހީތެރިވުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގުޅިގެން އެހީވެ އެ މީހުން ރާއްޖޭގެ އެހެން ރިސޯޓަކަށް މިހާރު ގެންގޮސްދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ހަންގޭރީގެ މި އާއިލާގައި ތިބެނީ ތިން މެންބަރުންނެވެ. އެއީ މަންމަ އާއި ބައްޕަގެ އިތުރުން އަންހެން ދަރިއެކެވެ.

ފުލުހުން ބުނީ ދެރަވެފައި ތިބި މި ފަތުރުވެރިން ދިޔައީ ހިނިތުން ވުމާއެކު ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މި ކަން ފާހަގަކޮށް އެ ފުލުހުންނަށް ތައުރީފު ކޮށްފައި ވެއެވެ.