ރާއްޖޭގެ ދެކުނުގެ ރަށެއްގައި މަޔަކު އޭނާގެ އެއް އަހަރުގެ ދަރިފުޅު ދޫކޮށް، ފިލައިގެން ދިޔަ މައްސަލައެއް ޖެންޑާ މިނިސްޓރީން ބަލަމުން ދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އެއް އަހަރުގެ ކުޑަ ކުއްޖަކު ދޫކޮށް މަންމަ ފިލާފައި ވާ މައްސަލަ އެއް ހުށަހަޅާފައި ވާ ކަމަށެވެ. އަދި އެއީ ދެކުނުގެ ރަށެއްގައި ހިނަގާފައި ވާ ކަމެއް ކަމަށެވެ. އަދި މިހާރު އެ ކުއްޖާ ހުރީ ބައްޕަ ފަރާތުގެ އާއިލާގެ ހަވާލުގައި ކަމަށާއި ކުއްޖާގެ ރައްކާތެރިކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ޖެންޑާ އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ޖެންޑައިން ބުނީ އެ މިނިސްޓްރީއަށް ހުށަހެޅިފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އެއް ކަމަށެވެ. މިއީ މިހާރު ބަލަމުންދާ މައްސަލަ އަކަށް ވާތީ، ލިބެމުން ދިޔައީ ކޮން ކަހަލަ އަނިޔާ ތަކެއް ކަމެއް އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މި މައްސަލަ އަކީ ފުލުހަށްވެސް ހުށަހަޅަފައި ވާ މައްސަލަ އެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާރަކަށް އައިސް، ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ.