ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިވާއިރު، ހައިކޯޓުން މިއަދު ވަނީ އެ ކޯޓުގެ އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެއީ ޖިނާއީ ކުށެއް ކަމަށާއި، އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެކޯޓުން ބުނެއެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާ ޗުއްޓީއަށް ކ. މާފުށްޓަށް ވަޑައިގެން ހުންނަވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މެޖިސްޓްރޭޓަކާއެކު މާފުށީގައި ހުންނަވަނިކޮށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށް ވެސް މައުލޫމާތުލިބެއެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުން ވަނީ ސިޓީއަކުން ރަސްމީކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.