ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލަ އެ ކޯޓުން ކުށްވެރިކޮށްފިއެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ކޯޓުގެ އިސްފަނޑިޔާރު، ޝުޖާއުއަށް އިއްޔެ، މަރުގެ އިންޒާރުދީފައިވާތީ އެކަން އެ ކޯޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެއީ ޖިނާއީ ކުށަކަށްވާތީ، އެ އަމަލު ހިންގި ފަރާތް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަމާބެހޭ ފަރާތްތަކަށް ހައިކޯޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ހައިކޯޓުން ބުނީ، އެ ކޯޓުން ދެކޭ ގޮތުގައި އެއްވެސް މީހެއްގެ ހަށިގަނޑާ ފުރާނައަށް ގެއްލުންދިނުމާއި މަރުގެ އިންޒާރު ދިނުމަކީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާ ޗުއްޓީއަށް ކ. މާފުށްޓަށް ވަޑައިގެން ހުންނަވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މެޖިސްޓްރޭޓަކާއެކު މާފުށީގައި ހުންނަވަނިކޮށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށް ވެސް މައުލޫމާތުލިބެއެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުން ވަނީ ސިޓީއަކުން ރަސްމީކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފައިވާއިރު، މިހާރަކަށް އައިސް ފަނޑިޔާރުންނަށް ދަނީ މިފަދަ އިންޒާރުތައް ލިބެމުންނެވެ. މި އިންޒާރުތަކަކީ އެ ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ނުވަތަ ކޮށްފައިވާ ހުކުމެއްގެ ސަބަބުން ލިބެމުންދާ އިންޒާރުތަކެއް ކަމަށް ބެލެވެއެވެ.