ގޫގްލްގެ ބެލެނިވެރި އެލްފަބެޓް ކުންފުނީގެ ޗީފް އެގްޒެކެޓީވް އޮފިސާ (ސީއީއޯ)ގެ މަގާމަށް އައްޔަން ކޮށްފައިވާ ގޫގްލް ކުންފުނީގެ ސީއީއޯ ސުންދަރު ޕިޗާއީގެ އާ މުސާރަ ހާމަކޮށްފިއެވެ.
އެލްފަބެޓް ކުންފުނީގެ ސީއީއޯގެ މަގާމަށް ޕިޗާއީ ހަމަޖައްސާފައި ވަނީ، ގޫގްލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖްއާއި ސެރްގެއީ ބްރިން، މިމަހުގެ ކުރީކޮޅު އެގްޒެކެޓިވް މަގާމުތައް ދޫކޮށްލާކަން އިއުލާން ކުރުމާއެކުގައެވެ. އެލްފަބެޓް ކުންފުނީގެ ސީއީއޯގެ އިތުރުން ގޫގްލްގެ ސީއީއޯގެ މަގާމުގައިވެސް ހުންނާނީ ޕިޗާއީ ކަމަށް ޚަބަރުތައް ބުނެއެވެ. ގޫގްލްގެ ސީއީއޯކަމުގެ މަގާމު ޕިޗާއީ އަށް ދިނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އަލަށް ހަވާލުވި މަގާމާއެކު ޕިޗާއީގެ މުސާރަ 2 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ހިއްސާގެ ވިޔަފާރިން 2 ގިންތިއަކުން 45 މިލިއަން ޑޮލަރާ، 120 މިލިއަން ޑޮލަރުގެ ފައިދާއެއްވެސް ޕިޗާއިއަށް ދިނުމަށް ހަމަޖެހިފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ޕިޗާއިގެ އާ މުސާރަ ހިނގަން ފަށާނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފަށައިގެން ކަމަށް ވާއިރު، ހިއްސާގެ ވިޔަފާރި ފައިދާ އޭނާއަށް ބައި އަޅަން ފަށާފައި ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. 2022 ވަނަ އަހަރުގެ ނިޔަލަށް ހިއްސާގެ ފައިދާ 2 ބޭންޑަކުން ޕިޗާއިއަށް ލިބެމުންދާނެއެވެ.
ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ މުސާރައާއި ހިއްސާގެ ފައިދާއިން ބައި އަޅާ ގޮތަށް ބަލާއިރު، އެޕަލް ކުންފުނީގެ ސީއީއޯއަށް ހިއްސާގެ ފައިދާއިން ދީފައި ވަނީ 15.7 މިލިއަން ޑޮލަރެވެ. އޭނާގެ މުސާރައަކީ 3 މިލިއަން ޑޮލަރެވެ.
މައިކްރޮސޮފްޓް ކުންފުންޏަށް ބަލާއިރު އެކުންފުނީގެ ސީއީއޯ ސަތްޔާ ނަޑެއްލާގެ މުސާރައާއި ހިއްސާގެ ފައިދާއިން ލިބޭ ވަރު ވަނީ ވަރަށް ފަހުން ބޮޑުކޮށްފައެވެ. އެގޮތުން މިހާރު އޭނާގެ މުސާރަ 2.3 ޑޮލަރަށް އިތުރު ކޮށްފައި ވާއިރު، ހިއްސާގެ ފައިދާއިން 42.9 މިލިއަން ޑޮލަރު ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.