ސްރީ ލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން އެ ގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަޝްވަރާ ކުރައްވައިފިއެވެ.

ސްރީލަންކާގައި ޕައިލެޓް ކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި ސްރީލަންކާގެ މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަގެ އަރިހަށް ދަންނަވާފައެވެ.

ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި ސްރީލަންކާގެ މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަ ވަނީ ދިވެހި ދަރިވަރުންނަށް ސްރީލަންކާއިން ލިބެން ހުރި މަތީ ތައުލީމްގެ ފުރުސަތުތަކާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ބެހޭގޮތުން މައުލޫމާތުތައް ރާއްޖޭގެ މިނިސްޓަރާ ހިއްސާ ކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ލަންކާއިން މަތީ ތައުލީމުގެ ސްކޮލާޝިޕް ފުރުސަތުތައް ކޮމްޕިއުޓާ ސައިންސް، އިންޖިނިއަރިންގް އަދި ފައިނޭންސްގެ ދާއިރާއިން ދެއްވާނެ ކަމަށް މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަ ވިދާޅުވިއެވެ. އަދި މިނިސްޓަރު ޑރ އިބްރާހިމް ހަސަންގެ އެދި ލެއްވުމާއިއެކު ދިވެހި ދަރިވަރުންނަށް ލަންކާގައި އެމްބީބީއެސް ކިޔެވުމަށް ވެސް ސްކޮލާޝިޕްގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަ ވިދާޅުވިއެވެ. މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަގެ ވާހަކާގައި މިހާރުވެސް ވަރަށް ގިނަ ދިވެހި ރައްޔިތުން ލަންކާގައި ބޭސްފަރުވާ ކުރުމަށާއި ކިޔެވުމަށް ދާކަން ފާހަގަ ކުރައްވާފައިވެއެވެ.

މިނިސްޓަރު ޑރ އިބްރާހިމް ހަސަންގެ ވާހަކާގައި ރާއްޖެއަށް އެކިގޮތްގޮތުން ސްރީލަންކާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މަތީ ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.