މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލު އޭނާ މަރާލި ކަމަށް އިއުތިރާފު ވެފައިވީ ނަމަވެސް ހެކި މުހިންމު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، ގާސިމްގެ ގާތިލު ހޯދިއްޖެ ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓްވީޓަކަށް މީހަކު ކުރި ކޮމެންޓެއްގެ ޖަވާބުގައެވެ. ސީޕީގެ ޓްވީޓަށް އާންމު ފަރާތަކުން ކޮށްފައިވާ ކޮމެންޓުގައި މިފަދަ މައްސަލަތައް އަވަސް މުއްދަތެއްގައި ކޯޓުން ކުރިއަށް ގެންދަން ނުޖެހޭތޯ ސުވާލުކޮށްފައިވެއެވެ.

ޖަވާބުގައި ޕީޖީ ވިދާޅުވީ، ގާސިމްގެ ގާތިލު އޭނާ މަރާލި ކަމަށް އިއުތިރާފު ވެފައިވީ ނަމަވެސް، އަނބުރާ ނަގަން ނިންމައިފި ހާލަތެއްގައި ބަރޯސާވުމަށް ހެއްކާއި ގަރީނާ މުހިންމު ކަމަށެވެ. އަދި ހުރިހާ ހެއްކާއި ގަރީނާއެއް ހޯދުން މުހިއްމު ކަމަށާއި އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ، މި މައްސަލާގައި ޕީޖީ އޮފީހުން ދަނީ ފުލުހުންނާއި ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށެވެ.

ގާސިމްގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ.

ގާސިމަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށް ބުނާއިރު، ހަމަލާ ދީފައި ހުރީ ސީދާ އޭނާގެ ކަރަށް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ.

ޒަހަމްތަކަކާއެކު ގާސިމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.