ބާނާ މަހަށް ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާއަށް ނިކުންނަން ތައްޔާރުވެފައި ވަނިކޮށް، މަސްވެރިންނަށް ފައިސާ ދިނުމުން، ކޫއްޑޫ މުވައްޒަފުންނަށް ސައެއް ދީފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބައެއް މަސްވެރިން ބުނެފައިވާ ގޮތުގައި، ބާނާ މަހަށް ފައިސާ ނުލިބި ލަސްވާތީ، އެކަމާ ހިތްހަމަނުޖެހިގެން 14 ދޯނީގެ މަސްވެރިން ކޫއްޑޫއަށް ގޮސް މުޒާހަރާ ކުރުމަށް ރޭވި ކަމަށެވެ. ނަމަވެސް، މާދަމާ މުޒާހަރާއަށް ނިކުތުމަށް ނިންމާފައި ވަނިކޮށް، އިއްޔެއާ ހަމައަށް ފައިސާ ނުލިބި ހުރި ހުރިހާ ބިލްތަކަކަށް މިފްކޯ އިން މިއަދު ވަނީ ފައިސާ ހަވާލުކޮށްފައި ކަމަށް އެމީހުން ބުނެއެވެ.

މަސްވެރިންނަށް ފައިސާ ލިބުމުގެ އުފަލުގައި، މަސްވެރިން ވަނީ ކޫއްޑޫ މުވައްޒަފުންނަށް ސައެއް ދީފައެވެ.

ކޫއްޑޫ މުވައްޒަފުންނަށް ތައްޔާރުކުރި ސަޔާއި އެކު ބައެއް މަސްވެރިންގެ ފޮޓޯއެއް، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ. މި ސައި ދީފައިިވަނީ ގދ. ފަރެސްމާތޮޑާގެ މަސްވެރިންގެ ފަރާތުންނެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ދިނުން ދިގުލައިގެން އުޅޭ މައްސަލައާ ގުޅިގެން ފައުޒީ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއީ، މަސް ގަންނަ އަގަށް މަސް ނުވިކޭތީ، ދިމާވާ ދަތިތަކެއް ކަމަށެވެ. އަދި މިކަން މިހެން ދިމާވަނީ މަހުގެ އަގަކީ މާރުކޭޓުގައި ހިފެހެއްޓިގެން ހިނގާ އެއްޗަކަށް ނުވުމުން ކަމަށާއި، އަންނަ ޖެނުއަރީމަހު، މި މައްސަލައަށް ވެސް ހައްލު ހޯދޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.