ރޭ މ. ލޮނުމިދިލިގެއަށް ވަދެ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ރޭ ހައްޔަރު ކުރި ޖުމްލަ 8 މީހުންނެވެ. އޭގެ ތެރޭގައި ދެ ފިރިހެނުންނާއި އަންހެނަކު އަދި ބިދޭސީއެއްގެ އިތުރުން 18 އަހަރުން ދަށުގެ 4 ފިރިހެން ކުދިން ހިމެނެއެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރު ކުރި ދެމަފިރިންގެ އަތުން މަސްތުވާތަކެތި ފެނިފައިނުވާތީ އެމީހުން ކޯޓަށް ގެންގޮސްފައިި ނުވާ ކަމަށެވެ.

މި މައްސަލާގައި ޝާމިލުވާ ބިދޭސީމީހާއާއި، ފިރިހެނެއްގެ އިތުރުން ދެ ކުޑަކުދިންނަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ދެންތިބި ދެކުދިންގެ ތެރެއިން އެއް ކުއްޖަކަށް 5 ދުވަސް ގޭބަންދަށް ދޫކޮށްލާފައިވާއިރު، އަނެއް ކުއްޖާ ވަނީ 10 ދުވަހަށް ގޭބަންދަށް ދޫކޮށްލާފައެވެ.

ލޮނުމިދިިގެއިން ފުލުހުން ވަނީ، 38000 ދިވެހި ރުފިޔާ، 142 ޑޮލަރު އަދި މަދު އަދަދަކަށް އެހެން ގައުމުތަކުގެ ރުފިޔާވެސް ހޯދާފައެވެ. މި ފައިސާ ހޯދާފައިވަނީ މި މައްސަލާގައި ހައްޔަރު ކުރި 18 އަހަރު ނުވާ ކުއްޖެއްގެ ވޮލެޓު ތެރެއިންނެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ހިދުމަތްދޭ ގެތަކަކަށް އަމާޒުކޮށްގެން މި ޑިސެމްބަރު މަހު، ފުލުހުން ހިންގި އޮރޭޝަނުގައި ފުލުހުން ވަނީ 5 ގެއެއް ބަލާފާސްކޮށް، 33 މީހުންނާއި 4 ކުޑަކުދިން ހައްޔަރުކޮށްފައެވެ. ފުލުހުން ބަލާ ފާސްކުރި ގެތަކުގެ ތެރޭގައިި، މ. ފެޝަންމީޑް، މ. ނަދީ އިރުމަތީބައި، ހ. ވެލިރަންގެ އަދި ގ. މެމޮރީވިލާގެ އިތުރުން މ. ލޮނުމިދިލިގެ ހިމެނެއެވެ.