ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފަނޑިޔާރު ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވަނީ އޭނާ ޗުއްޓީއަށް ކ. މާފުށްޓަށް ވަޑައިގެން ހުންނަވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ މެޖިސްޓްރޭޓަކާއެކު މާފުށީގައި ހުންނަވަނިކޮށެވެ. އަދި އޭނާއަށް މަރުގެ އިންޒާރު ދިން މީހާ ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައި ކަމަށް ވެސް މައުލޫމާތުލިބެއެވެ.

މި މައްސަލައާ ގުޅިގެން ހައިކޯޓުން ރަސްމީކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފައިވާއިރު، މިހާރަކަށް އައިސް ފަނޑިޔާރުންނަށް ދަނީ މިފަދަ އިންޒާރުތައް ލިބެމުންނެވެ. މި އިންޒާރުތަކަކީ އެ ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ނުވަތަ ކޮށްފައިވާ ހުކުމެއްގެ ސަބަބުން ލިބެމުންދާ އިންޒާރުތަކެއް ކަމަށް ބެލެވެއެވެ.

އެގޮތުން، މިދިޔަ ނޮވެމްބަރު މަހު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަލީ ރަޝީދުގެ ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ގެއްލުން ދީ އިންޒާރުގެ ލިޔުމެއް ލިޔެފައިވެއެވެ. އެގޭގެ ދޮރަށް ގެއްލުން ދިނުމަށް ބޭނުންކުރީ ކޯރާޑިއެކެވެ.