4 މީހުންނާއި އެކު ގެއްލުނު ޑިންގީ ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އދ.މާމިނގިލިން ފުރައިގެން ފ.ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފައިވަނީ މިއަދު 16:53 ހާއިރުއެވެ. މި ހާދިސާގައި ގެއްލުނު ޑިންގީގައި ތިބީ ފިރިހެނަކާއި 3 ކުޑަކުދިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ. އަދި ދިންގީ ފެނުނު އިރު އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ޑިންގީ ފެނިފައިވަނީ މިރޭ 8:00 ހާއިރު ކަމަށާއި، ޑިންގީ ފެނިފައި ވަނީ ފ. ހިމިތިގެ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް ކަމަށެވެ. އަދި އެމްއެންޑީއެންގެ އެހީތެރިކަމާ އެކު މި ޑިންގީ މިހާރު ދަނީ ފ. ފީއައްޔަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނީ ޑިންގީގައި ތިބީ 9 އަހަރުގެ ކުއްޖަކާއި، 11 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖެއްގެ އިތުރުން ބޮޑު މީހެކެވެ.

ޑިންގީ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު 16:53 ހާއިރު ކަމަށް ބުނެއެވެ.