ކުޑަކުދިންނަށް ވެކްސިން ދިނުމާއި ކިޔަވަން ފިނުވުމަށް އިންކާރު ކުރި އާއިލާއެއްގެ ކުޑަ އަންހެން ކުއްޖަކު އެ ކުއްޖާގެ މައިބަފައިން އަތުން ނެގުމަށްފަހު ބޮޑުދައިތައާ ހަވާލުކޮށްފިއެވެ.

ވެކްސިން ދިނުމަށް އިންކާރުކޮށްގެން ކުއްޖަކު އެ ކުއްޖާގެ ބޮޑުދައިތައާ ހަވާލު ކޮށްފައި ވާއިރު، މި އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުންނަށް ނަސޭހަތްތެރި ވުމަށް ފަހު އެގޭގެ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން އެގޭގެ 3 ކުޑަކުދިންނަށް ވެކްސިން ދީފައި ކަމަށް ފުލުހުން ބުނެއެވެ. އިއްޔެ ވެކްސިން ދީފަިއި ވަނީ 4 އަހަރުގެ ފިރިހެން ކުއްޖަކާއި، 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ އަންހެން ކުއްޖަކަށެވެ.

މިކަން ހާމަކޮށްފައި ވަނީ، ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގި ހާއްސަ އޮޕަރޭޝަން، "އައްސޭރި" އާ ބެހޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނުގައެވެ. ފުލުހުން ބުނީ، ކުޑަ އަންހެން ކުއްޖަކު އެ ކުއްޖާގެ މައިބަފައިން އަތުން ނެގުމަށް ފަހު ބޮޑުދައިތައާ ހަވާލުކުރަން ޖެހުނީ ކުއްޖާ ސްކޫލަށް ފޮނުވުމަށާއި، ވެކްސިން ދިނުމަށް ތަކުރާރުކޮށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ނަސޭހަތް ދިނުމުން، ނަސޭހަތް ގަބޫލު ނުކޮށް، އެކަންކަމަށް އިންކާރު ކުރުމުން ކަމަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، މިހާތަނަށް ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހަކު ހައްޔަރުކޮށްފައެވެ. އަދި އެމީހުން އުޅުނު ގެތަކުން ވަނީ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި ހައްޔަރު ކުރި 3 މީހުންނަށް ވެސް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.

"އައްސޭރި" އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް ވަނީ 7 ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށްފައެވެ. އަދި އިތުރު ދެ ގެއެއް ބަލާފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.