އދ އަތޮޅުގެ ރިސޯޓަކުން މަނާ ބޭސްތަކަކާއި މަރުވާނާ ފަތްތަކެއް އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅޭ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތު ކުރެވޭ 36 އަހަރުގެ ލަންކާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހާ ދިރިއުޅޭ ކޮޓަރި ބަލާފާސްކުރި އިރު، ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކާއި މަސްތުވުމަށް ބޭނުންކުރާ މަރުވާނާ ފަތްތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ފުލުުހުން ވަނީ މި ޑިސެމްބަރު މަހު، ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އޭގެ ހިދުމަތްދޭ ގެތަކަކަށް އަމާޒުކޮށްގެން އޮޕަރޭޝަނެއް ހިންގާފައެވެ. އެއޮޕރޭޝަނުގައި ފުލުހުން ވަނީ 5 ގެއެއް ބަލާފާސްކޮށް، 33 މީހުންނާއި 4 ކުޑަކުދިން ހައްޔަރުކޮށްފައެވެ. ފުލުހުން ރޭ ރެއިޑް ކުރި މ. ލޮނުމިދިލިގެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ވެސް އަތުލައިގެންފައެވެ. އެ ގެއިން ހޯދުނު ފައިސާގެ ތެރޭގައި 38 ހާސް ދިވެހި ރުފިޔާގެ އިތުރުން 142 ޑޮލަރާއި މަދު އަދަދަކަށް އެހެން ބައެއް ގައުމުތަކުގެ ފައިސާވެސް ފެނިފައިވާއިރު، މި ފައިސާ އެއްކޮށްލުމުން 40 ހާސް ދިވެހި ރުފިޔާއަށް އަރައެވެ.