އދ. މާމިގިލި ގެއަކުން ބައިލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާމިގިލި ގެއަކުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 11:00 ހާއިރު ކަމަށެވެ. އަދި މި ވައްކަމުގައި އެގެއިން ގާތްގަނޑަކަށް 50000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި މައްސަލާއާ ގުޅލިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޭ މާމިގިލި ގެއަކުން ބައި ލައްކައެއްހާ ރުފިޔާ ވަގަށް ނަގާފައިވާއިރު، މިދިޔަ ހޯމަ ދުވަހުގެ ފަތިހު 5:30 ހާއިރު ގދ. ގައްދޫގެއަކުން ވަނީ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައެވެ. ގައްދޫއިން ވައްކަން ކޮށްފައިވަނީ މުސްކުޅި ދެމަފިރިން އުޅޭ ގެއެއްގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. އަދި އެ ގެއިން ވަގަށް ނަގާފައި ވަނީ 95000 ރުފިޔާއާއި 1000 ޑޮލަރު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން، މިމަހުގެ 3 ވަނަ ދުވަހު މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ އަތުން ފޯނަކާ 2،800 ޑޮލަރު ވަނީ ފޭރި ގަނެފައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު މާލޭ ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖު ގެ ބިއްލޫރިގަނޑުވެސް ވަނީ ތަޅާލައިފައެވެ.