ރޭ ބްރިޖް ކައިރިން ހިނގި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ރޭ 1:22 ހާއިރު، މާލެ ރިންގް ރޯޑު ބްރިޖް ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕެއް ޖެހިގެން އެކްސިޑެންޓް ވެފައިިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖް މަތިން ބާރު ސްޕީޑޫގައި މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ލައިޓަށް މަޑު ކޮށްގެން އޮތް 3 ކާރާއި 2 ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އެ ޖިޕު ދުއްވާފައި ވަނީ އުމުރުން 17 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ކަމަށެވެ.

ސިނަމާލެ ބްރިޖް ޓްރެފިކް ލައިޓު ކައިރިން ހިނގި އެކްސިޑެންޓް / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. މީގެ ތެރެއިން އެއްވެސް މީހަކަސް ސީރިއަސް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނާއިރު، މި އެކްސިޑެންޓަގއި ހިމެނޭ ޖިޕް ޑްރައިވަރަށް އަދިވެސް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ސިނަމާލެ ބްރިޖް ޓްރެފިކް ލައިޓު ކައިރިން ހިނގި އެކްސިޑެންޓް / ފޮޓޯ: ޕޮލިސް

މި އެކްސިޑެންޓްގައި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މި އެކްސިޑެންޓްގައި ހިމެނޭ ހުރިހާ ވެހިކަލްތަކާއި ސައިކަލުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.