ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

ރާއްޖޭގެ ޖަލުތައް ބަލައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހާ މަރުވެފައި ވަނީ ރޭ 3:50 ހާއިރު، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މަރުވީ ޒައިތޫނިގެ، ޅ. ނައިފަރު އަބްދުލް ހަމީދު މޫސާއެވެ. އުމުރުން 60 އަހަރުވެފައިވާ ހަމީދު މަރުވީ، އޭނާ ބައްޔަކަށް ފަރުވާ ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. ނަމަވެސް އޭނާގެ ބައްޔާ ބެހޭ އިތުރު މައުލޫމާތެއް ކަރެކްޝަންސް އިން ވެސް ހާމައެއް ނުކުރިއެވެ.

2012 ވަނަ އަހަރުން ފެށިގެން ހަމީދު ހުކުމް ތަންފީޒު ކުރަމުން އައީ ބަދުއަހުލާގީ މައްސަލައެއް ސާބިތުވުމުގެ ސަބަބުންނެވެ. އޭނާގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ. މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޭނާގެ މައްޗަށް ކަށުނަމާދުކޮށް، އޭނާ ވަނީ މިހާރު ވަޅުލާފައެވެ.