އާމްދަނީ އިން ޓެކްސް ނެގުމުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހުޅުވާލައިފިއެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 24 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށް މީރާއިން ބުނެއެވެ. މީރާ އިން މި ގަވާއިދަށް ހުށަހަޅާ ހިޔާލުތައް ފޮނުވަން ޖެހޭނީ މީރާގެ، [email protected] މެއިލް އެކައުންޓަށް ކަމަށެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ 04 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 75 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. އާމްދަނީން ޓެކްސް ނެގުމުގެ ބިލަކީ އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކޮށް، އެކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

ގާނޫނު ހިނގާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރި ވެފައިވާ ކޮންމެ ފަރާތެއްގެ އަދި ރާއްޖޭގައި ވަޒަންވެރިވެފައި ނުވި ނަމަވެސް ރާއްޖެއިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއް ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއު ކުރައްވާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު މިގާނޫނުގެ ދަށަށް ޓެކްސް ނެގުމުގެ ނިޒާމު ބަދަލުކުރުމުން ވިޔާފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނާއި ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކުތަކުގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނާއި ރާއްޖޭގައި ހިންގާ ޕެޓްރޯލިއަމް ކުންފުނިތަކުން ކުރާ މަސައްކަތުން ޓެކްސް ނެގުމުގެ ގާނޫނު އުވިގެންދާނެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އުވިގެންދާ ޓެކްސްތަކުގެ ތެރޭގައި ބިމާބެހޭ ގާނޫނުގެ 18 ވަނަ މާއްދާގެ (ރ) ގެ ދަށުން ނަގަމުން އައި ޓެކްސްއާއި، އެ ގާނޫނުގެ 9 ވަނަ މާއްދާގެ (ކ) ގެދަށުން ނަގަމުން އައި ޓެކްސްއާއި، އެ ގާނޫނުގެ 19 ވަނަ މާއްދާގެ (ބ) ދަށުން ނަގަމުން އައި ޓެކްސް ހިމެނެއެވެ. މީގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ނަގަމުން އައި ރެމިޓެންސް ޓެކްސްވެސް މިއާއެކު އުވިގެންދާނެއެވެ.