ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު 2020 އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު އާންމުކުރުމާއި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހު 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް މި ރިޕޯޓަށް ޝަކުވާ ހުށަހެޅޭނެއެވެ.
އީސީން ބުނީ، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިހާބާ ބެހޭ މަރުކަޒު (ބާ ޖަމާލުއްދީން) އިން ކަމަށެވެ. އަދި އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޗަނުން ބުނެއެވެ.
މި ރިޕޯޓް އެކުލަވާލާފައި ވަނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ސިޓީ އަދި ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ގާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކޮންމެ ސިޓީއެއް/ރަށެއްގައި ހިމެނޭ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތް ބަޔާންކޮށެވެ.