މިރޭ މ. ލޮނުމިދިލިގެ ބަލާ ފާސް ކުރުމަށް ހިންގި އޮޕަރޭޝަނުގައި އެގެއިން 18 އަހަރު ނުފުރޭ 4 ކުދިންނާއި 18 އަހަރުން މަތީގެ 2 ފިރިހެނުންނާއި، އަންހެނަކާއި ބިދޭސީ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ، އެ ގެއިން ހޯދުނު ފައިސާގެ ތެރޭގައި 38 ހާސް ދިވެހި ރުފިޔާގެ އިތުރުން 142 ޑޮލަރާއި މަދު އަދަދަކަށް އެހެން ބައެއް ގައުމުތަކުގެ ފައިސާވެސް ފެނިފައިވާ ކަމަށެވެ. މި ފައިސާ އެއްކޮށްލުމުން 40 ހާސް ދިވެހި ރުފިޔާއަށް އަރައެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ލޮނުމިދިލިގެ ބަލާ ފާސް ކުރަން ހިންގި އިރު، މި ޑިސެންބަރު މަސް ތެރޭގައި ވަނީ އިތުރު 4 ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނުގައި ލޮނުމިދިލި ގެއިން ހައްޔަރު ކުރި މީހުންގެ އިތުރުން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

  • މ. ފެޝަންމީޑް 5 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 11 މީހުން ހައްޔަރު ކުރި
  • މ. ނަދީއިރުމަތީބައި 12 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 4 މީހުން ހައްޔަރު ކުރި
  • ހ. ވެލިރަންގެ 16 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 10 މީހުން ހައްޔަރު ކުރި
  • ގ. މެމޮރީވިލާ 18 ޑިސެމްބަރު: މަސްތުވާތަކެއްޗާ އެކު 4 މީހުން ހައްޔަރު ކުރި
  • މ. ލޮނުމިދިލިގެ 19 ޑިސެމްބަރު: 4 ކުޑަކުދިންނާއި ބޮޑު 4 ބޮޑެތި މީހުން ހައްޔަރު ކުރި

ފުލުހުން ބުނީ، މި އޮޕަރޭޝަނަކީ މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ބައެއް ގޭގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކޮށް އެގެތަކުގައި މަސްތުވާތަކެތީގެ ހިދުމަތް ލިބޭގޮތަށް ތައްޔާރު ކޮށްފައިވާ ގެތަކަށް އަމާޒުކޮށްގެން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއީ ގެތަކުގެ ވެރިފަރާތުން ނުވަތަ ގެތައް ކުއްޔަށް ހިފާފައިވާ ފަރާތުގެ ރުހުމާ އެކުގައި މާލީ މަންފާ ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ، ގެތަކުގެ ވެރިފަރާތުން ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތް ޒިންމާދާރު ކުރުމަށް ނުވަތަ ޖިނާއީ ތަހުގީގު ހިންގައި އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ހިންގޭ އޮޕަރޭޝަނެކެވެ.