މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ގާސިމްގެ މަރާ ގުޅިގެން ދާދި ދެންމެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަން ހާމަކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ސީޕީ ވިދާޅުވީ، މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުން ކުރި ތަހުގީގަށް ސީޕީ ވަނީ ތައުރީފު ކުރައްވާފައެވެ.

ގާސިމްގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި މިވަނީ، އޭނާ މަރާލިތާ ދެ ހަފްތާ ފަހުންނެވެ.

ފާއިތުވި ދެ ހަފްތާ ތެރޭގައި ފުލުހުން ވަނީ ގާސިމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފިންގާޕްރިންޓާއި ޑީއެންއޭ ފަދަ ފޮރެންސިކް ހެކި އަދި އޭނާ މަރާލަން ބޭނުންކުރި ހަތިޔާރުވެސް އޭނާ މަރާލާފައި އޮއްވާ ފެނުނު ތަނުގެ 300 އެއްހާ މީޓަރު ދުރުން މަގު ކައިރީ ހުރި ގަސްތަކުގެ ތެރެއިން ހޯދާފައެވެ. އަދި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް އެނެލައިޒްކޮށް، ގާސިމް ދުއްވި ޓެކްސީ ދަތުރު ކޮށްފައިވާ މަގުތައް ވެސް ދެނެގެންފައެވެ.

ގާސިމްގެ ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އެއީ، ގަސް ގިނަ އަދި ރޭގަނޑު ވަރަށް އަނދިރިކޮށް އޮންނަ މަގެކެވެ.

ގާސިމަށް ހަމަލާ ދީފައިވަނީ ގްރޫޕަކުން ކަމަށް ބުނާއިރު، ހަމަލާ ދީފައި ހުރީ ސީދާ އޭނާގެ ކަރަށް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވެއެވެ.

ޒަހަމްތަކަކާއެކު ގާސިމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައި ވެއެވެ.