ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާއި ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ވެކްސިން ދިނުމާ ދެކޮޅު އާއިލާއަކަށް ނަސޭހަތްތެރިވެ، 3 ކުއްޖަކަށް ވެކްސިން ދީފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށްފަހު، ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ. އަދި ނަސޭހަތަށްފަހު މިއަދު އެގޭގެ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން 3 ކުޑަކުދިންނަށް މިހާރު ވަނީ ވެކްސިން ދީފައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިއަދު ވެކްސިން ދީފަިއވަނީ 4 އަހަރުގެ ފިރިހެން ކުއްޖަކާއި، 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ރާއްޖޭގެ ކަމާބެހޭ ފަރާތްތައް ގުޅިގެން ހިންގަމުން ދާއިރު، އެ އޮޕަރޭޝަނަކީ، ކުޑަކުދިންނާއި އަންހެނުނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމް ތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމު ކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަޑުއްވަރީގައި ކައިވެނިކޮށްގެން ކަމަށް ބުނެ، ކުޑަކުދިން ތަކެއް ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މީހުން ވަނީ ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅުންހުރި ސިއްހީ އިންތިޒާމްތަކާއި ހައްގުތަކުން އަންހެނުން މަހުރޫމުކޮށް އެފަދަ އަންހެނުންގެ ފުރާނައާއި ސިއްހަތު ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައި ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ހަރުކަށި ފިކުރު ފަތުރާ، އެ ފިކުރަށް ތަބާވެފައިވާ ފަރާތްތައް ހޯދާ ދެނެގަނެ، އެރަށުގެ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.