ރ. މަޑުއްވަރިއަކީ ނޫސްތަކުގައި ސިފަކޮށްފައިވާ ފަދަ ބިރުވެރިތަނެއް ނޫން ކަމަށާއި ނުރައްކާތެރި އަމަލެއް ހިނގަމުން ނުދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މަޑުއްވަރީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ނޫސްތަކުގައި އެރަށާއި ބެހޭގޮތުން ގެނެސްދެމުންދާ ހަބަރުތަކާއި މަޒުމޫނުތަކަކީ އެއްވެސް ހަގީގަތެއް ނެތް ހަބަރުތަކެއް ކަމަށެވެ. މަޑުއްވަރީއަކީ ބިރުވެރިކަމުން ފުރިގެންވާ ނާމާން ތަނެއްގެ ގޮތުގައިި ނޫސްތަކުން ސިފަ ކުރަމުންދަނީ ވިޔަފާރި ބޭނުމަށް ޒިންމާދާރުކަން ކުޑަގޮތުގައި ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި އެ ކައުންސިލުން ވަނީ މަޑުއްވަރީގައި ބިރުވެރި، ނުރައްކާތެރި އަމަލެއް ހިނގަމުން ނުދާ ކަމަށް ބުނެފައެވެ.
އެ ކައުންސިލުން ބުނީ އިސްލާމް ދީނުގެ ނަމުގައި ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ހިންގަމުންދާ އަމަލުތަކާއި މެދު އެ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. އަދި އިއްޔެއިން ފެށިގެން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެރަށުގައި ހިންގަމުންދާ އޮޕަރޭޝަނަށް ތައުރީފުކޮށް އެ ކައުންސިލުން ވަނީ ސަލާމަތީ ބާރުތަކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ވަނީ ހަރުކަށި ފިކުރު ފަތުރާ، ޖަމާއަތުން ވަކިވެގަނެ، ދީނާއި ރަށުގެ އެއްބައިވަންތަކަން ބައިބައިކުރުމަށް މަސައްކަތްކޮށް، ރަށުގެ އަގުވައްޓާލައި ބޮޑެތި ޖިނާއީ ކުށްތަކަށް އަރަމުންދާ މީހުން ހޯދާ، އެމީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައެވެ.
މަޑުއްވަރީ ކައުންސިލުން ވަނީ، ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރުމަށް ދީނީ އިލްމުވެރިންނަށް ގޮވާލާފައެވެ. އަދި އެ ރަށް ބަދުނާމު ނުވާނޭހެން ކަމުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނޫސްތަކަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އިއްޔެއިން ފެށިގެން މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާއިރު، އެ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 3 މީހުން ހައްޔަރު ކޮށްފައެވެ. އަދި އެ މީހުންގެ ބަންދަށް ވަނީ، 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި މަޑުއްވަރީގެ 6 ގެއަކާއި ދޯންޏެއް މިހާތަނަށް ބަލާ ފާސްކުރެވިފައި ވާ ކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މިހާރު ކުރިއަށްދާ އަދި އަންނަ ހަފްތާއަށްވެސް ދެމިގެން ދާނެ އޮޕަރޭޝަނެއް ކަމަށެވެ.