ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމައަށް ދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ލ. ހިތަދޫގައި ސިއްހީ ހިދުމަތް ދޭންފެށިތާ 50 އަހަރުފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އެރަށު ސްކޫލްގައި ބޭއްވި ރަންޔޫބީލް ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިއްހީ ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން، ސިއްހީ ހިދުމަތް ތަރައްގީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމަށާއި، އަދި ސިއްހީ ހިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތައް އިތުރުވެއްޖެ ކަމަށް ރައީސް ސޯލިހް ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތަކާއި، ސިއްހީ ރައްކާތެރިކަމާ ގުޅޭ އަސާސީ ހިދުމަތްތަކާއި އާންމު ސިއްހަތާ ގުޅިފައި ހުރި އެހެން ހިދުމަތްތައް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މަގު ކުނިކަހައި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމާއި ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުން އަދި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން، ފަދަ ކަންކަމަކީ ވެސް ކައުންސިލްތަކުގެ ޒިންމާތައް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް މި ބަދަލުތައް ގެނައީ، ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުންކަމުގައެވެ. އަދި މި ބަދަލުތަކާއެކު ސަރުކާރުން އެދެނީ، ބަލިވުމުގެ ކުރިން، ބަލިތަކުން ދުރުހެލިވެ ރައްކާތެރިވެވޭނެ އާންމު ސިއްހަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ގާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކޮށްދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، ހިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވީވަރަކުން ކުޑަކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމަށެވެ. އެގޮތުން، މޯބައިލް ލެބޯޓެރީގެ ހިދުމަތް ލ. އަތޮޅުގައި ތައާރަފްކޮށް ރަށްރަށުން ބަލިމީހުންގެ ސާމްޕަލް ނަގައިގެން، ލެބޯޓެރީ ހުންނަ ރަށަށް ގެންގޮސް، ލެބޯޓެރީގައި ތަހުލީލުކޮށް، ބަލިމީހާއަށް އޭގެ ނަތީޖާ ފޯރުކޮށްދިނުމުގެ ހިދުމަތް ކާމިޔާބުކަމާއެކީ ކުރިޔަށްގެންދާ ކަން އެމަނިކުފާނު ހާމަ ކުރެއްވިއެވެ.