އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ޝާއިއުކުރި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްޑީއެން ރަސްމީކޮށް އުވާލާފައިވާ ކަން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އިއުލާން ކޮށްފައިވަނީ މިއަދެވެ. މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫނު ވަނީ ޔޫތް މިނިސްޓްރީއަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ޖަމްއިއްޔާ އުވާލުމަކީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާ އަށް ލޯބި ކުރާ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ބުނީ އެމްޑީއެންް އުވާލުމަށް ރެޖިސްޓްރާ އޮފް އެންޖީއޯސް އިން ނިންމުމާ ގުޅިގެން ޖަމިއްޔާތަކުގެ ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރައްޏާއި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެޖަމިއްޔާއިން އެއްވެސް އެއްޗެއް އަންގާފައިނުވާ ކަަމަށެވެ.

އެމްޑީއެން މިއަދު އުވާލާފައި ވާއިރު، އެޖަމިއްޔާއިން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އަޑު އުފުލާފައެވެ.

މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކްގެ ނަމުގައި 2004 ވަނަ އަހަރު ވުޖޫދަށް އައި އެ ހަރަކާތް 2010 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ނަމަށް ބަދަލުކޮށް މަސައްކަތްތައް ފުޅާކުރިއެވެ. ޑިޓެއިނީން ނުވަތަ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި ވަކާލާތު ކުރަން އުފަންވި ހަރަކާތުގެ މަސައްކަތް ފުޅާކޮށް އެކިއެކި ދާއިރާތަކަށް އަމާޒުކޮށް ރިޕޯޓުތައް ލިޔެ ޝާއިއު ކުރަމުން ދިޔައެވެ.