ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރަކަށް މަޖިލީހުގެ ބަޖެޓުން ހަރަދުކުރި ކަމަށް ބުނާ މައްސަލައެއް އޭސީސީން ބަލަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، ރައީސް ނަޝީދު ކުރެއްވި ދަތުރެއް، ރަސްމީ ދަތުރެއްގެ ގޮތުގައި ހަދައިގެން ކުރެއްވި މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އޭސީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ދެކުނުގެ ފަސް އަތޮޅު ގުޅިގެން ބޭއްވި ދެކުނު މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ނަޝީދު ކުރެއްވި ދަތުރުގެ މައްސަލައެވެ.

މި މައްސަލަ އޭސީސީން ބަލަމުންދާކަން އެ ކޮމިޝަނުން ކަށަވަރު ކޮށްދީފައިވާއިރު އެ މައްސަލައާ ބެހޭ އިތުރު ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެއެވެ.

ދެކުނު މަހާސިންތާއަކީ، ރާއްޖޭގެ އެންމެ ދެކުނުގެ ފަސް އަތޮޅުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރިއަށް ގެންދިއުމަށް ގއ. ވިލިނގިލީގައި ބޭއްވި މަހާސިންތާއެކެވެ. އެ މަހާސިންތާގައި މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، ފަސް އަތޮޅުގެ އެކި ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނާއި އޮބްޒާވް ކުރުމަށް ބައެއް ރަށު ކައުންސިލްތަކާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ވަނީ ބައިވެރިވެފައެވެ.