ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުން އެއްކިބާވެތިބުމަށް ދިވެހި ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިލްތިމާސް ކޮށްފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ މިއަދު އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ވަނީ، ދީނީ ނަސޭހަތް ދިނުމާއި ވައުޒު ބުނުމާއި އަދި އެނޫންވެސް ދީނީ ޝިއާރު ފާޅުކުރުމުގައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދަށް ރިއާޔަތްކޮށް މުޖުތަމައުގެ އާންމު މަސްލަހަތަށް އިސްކަން ދިނުމަށެވެ.

އަދި ދީނީ ގޮތުން ބައިބައިވުމާއި ނުތަނަވަސްކަން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަން ހިންގުމާއި، ޓެރެރިޒަމަށް ވާގިވެރިވެ، ޓެރެރިޒަމްގެ އަމަލު ހިންގުމާއި އެނޫންވެސް އެފަދަ ޖިނާއީ ކުށުގެ ތެރޭގައި ހިމެނޭ އެންމެހާ ކަންކަމުން އެއްކިބާވެތިބުމަށް ދިވެހި ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ މުޖުތަމައުގެ އާންމު މަސްލަހްތަށްޓަކައި ހެދިފައިހުންނަ ގާނޫނުތައް ބަލައިނުގަތުމާއި، ޖަމާއަތުން ވަކިވެ އެކަހެރިވެގަތުމާއި، އާންމު އަސާސީ ތައުލީމާއި ސިއްހީ ވަސީލަތްތަކުން ޅަދަރީން މަހުރޫމުކުރުމާއި، ޝަރުއީ އަދި ގާނޫނީ ހަމަތަކާއި ހިލާފަށް ކައިވެނީގެ ނަމުގައި ގުޅުން ގާއިމުކުރުމާއި އަދި މުސްލިމުން ކާފަރުކުރުމާއި އަނެކުންގެ މުދަލާއި ލޭ ހަލާލު ކޮށް ގަތުން ފަދަ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި އެއްވެސް ހާލަތެއްގައި ފަތުރައިގެންވާނެ ފިކުރުތަކެއް ނޫން ކަމަށެވެ.

އަދި މާތްވެގެންވާ އިސްލާމް ދީނުގެ ނަމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ސަބަބުން ހަރުކަށިކަމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވެ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބި، މާތްވެގެންވާ އިސްލާމް ދީނުގެ ސުލްހަވެރި ތަސައްވަރު ކިލަނބުވެ، އިސްލާމް ދީނާމެދު މީސްތަކުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދި އިސްލާމް ދީނުގެ ހަގީގީ މަފްހޫމް އޮޅިގެން ދިއުމަށް އެއްވެސް ދިވެހި ރައްޔިތަކު ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

އަދި އެފަދަ އަމަލުތަކާއި ހަރަކާތްތަކުގައި އެއްވެސް ސިފައެއްގައި ބައިވެރި ނުވުމަށާއި، ފަރުދީ ފެންވަރުގައި ތިމާގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި އެކުވެރިން އެފަދަ ނުރަނގަޅު ފިކުރުތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށްވެސް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާ އޮޅުން ފިލުވުމުގައި އިންޓަނެޓާއި އެނޫންވެސް އެފަދަ ހަގީގަތް ނޭނގޭ ވަސީލަތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އިތުބާރު ހިފޭ ދީނީ ޢިލްމުވެރިންގެ ކިބައިން އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވުމަށްވެސް އެ މިނިސްޓްރީން އިލްތިމާސް ކުރެއެވެ. ހަމައެހެންމެ ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވުމަށް ދިވެހިރާއްޖޭގެ އެންމެހާ ދީނީ އިލްމުވެރިންނަށް ވަނީ ގޮވާލާފައެވެ.

އިސްލާމް ދީނުގެ ސައްހަ އަގީދާ އާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށާއި ދީނީ އިލްމުވެރިން ކުރައްވާ އެފަދަ މަސައްކަތްތަކަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެ ކަމުގައިވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

އިސްލާމިކް މިނިްސްޓްރީން މިފަދަ ނޫސް ބަޔާނެއް ނެރެފައި މި ވަނީ، ރާއްޖޭގައި ދީނީ ތަގުރީރު ކުރުމާއި ވައުޒު ބުނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 3 މީހަކަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފައި ވާ ދަނޑިވަޅެއްގައެވެ.

މި ތިން މީހުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގިތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.