ވައިގަދަވެ ވިއްސާރަވުމާ ގުޅިގެން ރޭ މާލޭގެ އެކި ސަރަހައްދުތަކަށް ގެއްލުން ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި ވައިގަދަވެ ވިއްސާރަވުމާ ގުޅިގެން އަބަދަށް އުފާމަގު، ދަމާސް ފަރުނީޗަރު ފިހާރަ ކައިރީ ޖަހާފައި ހުރި ޑިޝް އެންޓެނާއެއް ވެއްޓިގެން ރޭ 4؛43 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ބުރުޒު މަގު ހެންވޭރު ކެފޭ ކައިރީ ހުރި ގަހެއް، މަގު މައްޗަށް ވެއްޓިގެން މިއަދު ހެންދުނު 6:10 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މުދަލަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ސޯލްޓް ކެފޭ ކައިރީ ހުރި އިޝްތިހާރު ބޯޑެއް މަގު މައްޗަށް ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުނެއެވެ. ފުލުހުން ބުނީ ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން މިތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިފަދަ ހާދިސާތައް ދިމާވެދާނެ ކަމަށް ބަލައި ހުރިހާ ފަރާތްތަކުންވެސް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގު ތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުން ނެވެ.