މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ސިނަމާލެ ބްރިޖާއި ލިންކް ރޯޑްގައި ދުއްވާ ފަރާތްތަކުން ސަމާލުވާން ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ މިދުވަސްވަރަކީ މޫސުން ގޯސްވެ ވައި ގަދަ ދުވަސްވަރަކަށް ވާތީ، ސިނަމާލެ ބްރިޖާއި ލިންކް ރޯޑް ބޭނުން ކުރާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަމަށެވެ. އެގޮތުން ބުރުގާ އަޅާ ފަރާތްތަކުން، ވަޔާ އެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބަހައްޓަން އިލްތިމާސް ކޮށްފައި ވެއެވެ.

މީގެ އިތުރުން ވިއްސާރަ ކޯޓު ބޭނުން ކުރާ ފަރާތްތަކުން، ވަޔާއެކު ކޯޓު ހަލާކުނުވާ، ރަނގަޅު ފެންވަރުގެ ކޯޓް ބޭނުން ކުރުމަށާއި އަދި ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ދުއްވުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.