ހިޔާލު ފާޅުކުރުމާ ބަސްބުނުމުގެ ފުރިހަމަ މިނިވަންކަން ލިބިދޭ ޑިމޮކްރަސީއެއް ކަމަށް ވީ ނަމަވެސް، މިއަހަރު އެންމެ ގިނަ އަދަދަކަށް އިންޓަނެޓް ހިދުމަތް މެދުކަނޑާލި ގައުމަކީ އިންޑިއާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

އިންޓަނެޓް ޝަޓްޑައުން ޓްރެކާ ދައްކާ ގޮތުގައި، ނިމިގެން މިދާ 2019 ވަނަ އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ 93 ފަހަރެއްގެ މަތިން އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައެވެ.

އިންޑިއާއިން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަ އޮތުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާއިން އިންޓަނެޓްގެ ހިދުމަތް ކަނޑާލަނީ ސަރުކާރާ ދެކޮޅަށް ބާއްވާ ބޮޑެތި އެއްވުންތަކާ މުޒާހަރާތަކާ ދިމާކޮށެވެ. އެގޮތުން މިފަހަކަށް އައިސް އިންޓަނެޓް ހިދުމަތް މެދުކަނޑާލި ބައެއް ދުވަސްވަރަށް ބަލާއިރު، މާއްދާ 370 އުވާލުމާ ދިމާކޮށް ކަޝްމީރުން އިންޓަނެޓް ކަނޑާލުމާ، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެނައުމާ ދިމާކޮށް އިންޑިއާގައި މިހާރު ހިންގަމުންދާ މުޒާހަރާތަކާ ދިމާކޮށް ހިދުމަތް މެދުކަނޑާލި ކަނޑާލުން ފާހަގަކުރެވެއެވެ.

ރަށްވެހިކަމުގެ ގާނޫނާ ގުޅިގެން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައިވަނީ ވަގުތީ ގޮތުން ކަމުގައި ވީ ނަމަވެސް، ކަޝްމީރުގައި ބްރޯޑްބޭންޑްއާއި މޯބައިލް ޑޭޓާ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައި އޮންނަތާ މިހާރު 4 މަސްދުވަހަށްވުރެ ގިނަވެއްޖެއެވެ.

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިން އިންޓަނެޓް ކަނޑާލާފައި އޮންނަތާ 100 ދުވަސް ވުމުން ނޫސްވެރިންތަކެއް އިހުތިޖާޖު ކުރަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

2018 ވަނަ އަހަރުވެސް އެންމެ ގިނައިން އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައި ވަނީ އިންޑިއާގައެވެ. އެއަހަރު 134 ފަހަރެއްގެ މަތިން އިންޑިއާއިން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލިއެވެ. އެއަހަރު 2 ވަނާގައި އޮތީ ޕާކިސްތާނު ކަމަށްވާއިރު، ޕާކިސްތާނުން 2018 ވަނަ އަހަރުގެ ތެރޭގައި އިންޓަނެޓް ހިދުމަތް މެދުކަނޑާލާފައިވަނީ އެންމެ 12 ފަހަރުއެވެ.

ކަންމިހެން އޮތްއިރު ޑިޖިޓަލް އިންޑިއާއެއް ތަރައްގީ ކުރެއްވުމަކީ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ތަސައްވުރެކެވެ. ޑިޖިޓަލް އިންޑިއާގެ ތަސައްވުރަކީ، މައުލޫމާތު ހޯދާ ލިބިގަތުމުގައި އެއްވެސް ހުރަހެއް ނެތް އިންޑިއާއެއްގެ ތަސައްވުރު ކަމަށް، 2014 ވަނަ އަހަރު ކުރިއަށްދިޔަ އިންޑިއާ ޑިޖިޓަލް ސަމިޓްގައި މޯދީ ވަނީ ވިދާޅުވެފައެވެ.