ރ. މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަނުގައި 3 ވަނަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިރޭ ހައްޔަރު ކުރި 3 ވަނަ މީހާ އަކީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން އޮޕްރޭޝަނެއް ހިންގަން ފެށީ މިއަދުއެވެ. މިއަދު މެންދުރެއް ހާއިރު 34 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި އިރުއޮށްސުނު ފަހުން 30 އަހަރުގެ މީހަކު ހައްޔަރު ކުރިއެވެ.
މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން މިއަދު ފަށާފައި ވަނީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.
ފުލުހުން ބުނީ، މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށެވެ.