ހަރުކަށި ފިކުރުގެ ދިވެހިންގެ އަދަދު 1570 އަށް އަރާ ކަމަށް ސަލާމަތީ ބާރުތަކުން މިރޭ ބުނެފިއެވެ. މިރޭ ޕީއެސްއެމް ޓީވީގައި ވާހަކަ ދައްކަމުން ސަލާމަތީ ބާރުތަކުން ބުނެފައިވަނީ، ފުލުހުންނަށް މިހާތަނަށް އެއްކުރެވިފައި ވާ ތަފާސް ހިސާބުތަކުން އެކަން ޔަގީންވެފައިވާ ކަމަށެވެ.

ހަރުކަށި ފިކުރުގެ 1،400 އެއްހާ މީހުން ދިވެހިންގެ ތެރޭގައި މިހާރުވެސް އެބަ ތިބި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. މިއީ ދެ ދުވަހެއްގެ ތެރޭގައި އެ އަދަދަށް އައި ވަރަށް ބޮޑު ބަދަލެކެވެ.

ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް ކްރޮސްރޯޑުގައި 200 އަށްވުރެ ގިނަ ކައުންސިލަރުންނާ އެކުގައި ފެއްޓެވި "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނާ ވިދާޅުވީ ހަރުކަށި ފިކުރަށް ވަދެގެން ގޮސް، ޖެހިގެން ހުރި މީހާ މަރާލުމަށް ފަސް ނުޖެހޭ ދަރަޖައަށް ބައެއް ދިވެހިންގެ ވިސްނުން ގޮސްފައިވާ ކަމަށާއި އެ ފިކުރުގައި ޖެހިފައި ތިބި، ދިވެހިން މިވަގުތުވެސް ރާއްޖޭގައި އުޅެމުން ދާ ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ ދީނީ ގޮތުން އެ ފަތުރާ ހަރުކަށި ފިކުރުގައި ރާއްޖެ އޮތް ހާލަތާއި އޭގައި ބައިވެރިވުން އޮތް އަދަދުތައް ވެސް ކަމާބެހޭ ފަރާތްތަކަށް އެނގޭ އިރު މިހާރު ކުރަމުން އަންނަ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން އެ ފަރާތްތަކަށް ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ.

ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި މަޑުއްވަރީގެ ގެތައް ފުލުހުން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ވަނީ މިއަދު ފަށާފައެވެ.