ޙަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގެ ގެތައް ފުލުހުން ބަލައި ފާސް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ފުލުހުން ހިނގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސް ކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރަމުން ދަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއްނުވެއެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުން މިއަދު މަޑުއްވަރީއަށް ގޮސް، ކޯޓް އަމުރެއްގެ ދަށުން އެ ރަށުގެ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. އެރަށުގެ ގެތައް ބަލައި ފާސް ކުރަމުންދަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ހިންގާ ހާއްސަ އޮޕަރޭޝަަނެއްގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން މަޑުއްވަރީގެ ބައެއް ގެތައް ފާސް ކުރަމުން ގެންދާއިރު، އެރަށުގެ 13 އަހަރުގެ ކުޑަ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅުނު މައްސަލައެއް ވަނީ ވަރަށް ފަހުން ފެންމަތިވެފައެވެ. އެމައްސަލާގައި އެކުއްޖާގެ މައިން ބަފައިން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ދީނުގެ ނަމުގައި ހަރުކަށީ ވިސްނުން ގެންގުޅޭ އާއިލާއަކަށް ނިސްބަތް ވާ 6 ކުދިން ވެކްސިން ނުދީ ސްކޫލަށް ނުފޮނުވާ ގެންގުޅެމުންދާ ކަމުގެ ތުހުމަތުގައިއެވެ.

12 އަހަރުގައި ބަލިވެ އިނދެ 13 އަަހަރުގައި އެ އަންހެން ކުއްޖާ ވިހެއި މައްސަލަ ފެންމަތިވެފައި ވަނީ، ރ. މަޑުއްވަރީ ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޒުވާނަކަށް ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާ އާއި މި ޒުވާނާ ކައިވެނިކޮށްފައި ވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު. އޭނާގެ ބަންދަށް 15 ދުވަސް ވަނީ އިތުރު ކޮށްފައެވެ.