ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި، 13،720 އެނދާއެކު 29 ރަށެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާނުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި ރޭ "ބުރަބި" ނަމުގައި ބޭއްވި ރަސްމިއްޔާތުގައި ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރާނެ ރަށްތައް އިއުލާނުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އަލަށް ތަރައްގީ ކުރާ ރަށްތައް:

ހއ. މާފިނޮޅު (425 އެނދު)

ހއ. ދައްޕަރު (1،000 އެނދު)

ހއ. މެދުފުށި (317 އެނދު)

ހއ. އަލިދުއްފަރުފިނޮޅު (233 އެނދު)

ހދ. ހޮނޑައިދޫ (500 އެނދު)

ހދ. ކުޑަފަރު ފަސް ގަނޑު (233 އެނދު)

ހދ. ވައިކަރަމުރައިދޫ (436 އެނދު)

ށ. ނަލަންދޫ (1700 އެނދު)

ށ. ކުޑަޅައިމެންދޫ (400 އެނދު)

ށ. ފުށިފަރު (233 އެނދު)

ނ. ކުންނަމަލައި (250 އެނދު)

ރ. އެގިލި (200 އެނދު)

ރ. އަލިފުށީ ފަޅުން 10 ހެކްޓަރު ބިން ހިއްކުމަށް ފަހު (200 އެނދު)

މ. ސީދީހުރާ (200 އެނދު)

މ. ބޯހުރާ (200 އެނދު)

ފ. އެނބުލުފުށި (200 އެނދު)

ފ. ޖިންނަތަގުއު (200 އެނދު)

ތ. ކާއްޑޫ (200 އެނދު)

ތ. ކަނިމީދޫ (200 އެނދު)

ތ. އޮޅުފުށި (200 އެނދު)

ލ. ކަށިދޫ (233 އެނދު)

ލ. ދޮންބެރަހާ (233 އެނދު)

ލ. ބޮޑުމުންޏަފުށީގައި (233 އެނދު)

ގއ. މާރެހާ ފައި (494 އެނދު)

ގއ. ފުނަދޫވިލިގިއްލާ (233 އެނދު)

ގދ. ކަނޑަހަލަގަލާ (215 އެނދު)

ގދ. ފެރޭތަވިލިގިއްޔާ (233 އެނދު)

ގދ. ކަޑެވާރެހާ (200 އެނދު)

ސ. ހަންކެޑެ (207 އެނދު)

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި ރައްޔިތުން ބޭނުންވާ ރަށްތަކަށް ހާއްސަ އިސްކަންދީފައިވާ ކަމަށެވެ. ނަމަވެސް ރަށްތައް ކަނޑައެޅުމުގައި ތިމާވެށީގެ ގޮތުން ކުރާނެ އަސަރާއި އެހެނިހެން ސިނާއަތްތަކަށް މުހިއްމު ރަށްތައް ނުހިމަނާ ކަމަށެވެ. އަދި ރިސޯޓުތަކުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގައި ސަރުކާރުގެ އެހެން ވުޒާރާތަކާ އެކު ވެސް މަޝްވަރާ ކުރެއްވި ކަމަށާއި ކަނޑައެޅި ރަށްތަކުގެ ތަފްސީލު ގެޒެޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ރަށްތައް 2020ގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބިޑް ޕްރޮސެސް ނިންމާ މަސައްކަތް ފެށޭވަރު ކުރަން، ޓާގެޓަކީ މި ދައުރުގެ ތެރޭގައި ރަށްތައް ނިންމާ ވަޒީފާ އަށް ރައްޔިތުން ވެއްދުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރޭ އިއުލާނުކުރެވިގެންދިޔަ ރަށްތަކާއި ބިންތައް ޓޫރިޒަމަށް ތަރައްގީ ކުރެވިގެން ދިއުމުން ޖުމްލަ 13،720 އެނދާއި 18،672 ވަޒީފާ އުފެދޭނެ ކަމަށެވެ.

ރިސޯޓުގެ ގޮތުގައި ވަކި ވަކި ރަށްތައް ތަރައްގީ ކުރުމުގެ އިތުރަށް މީހުން ދިރިއުޅޭ ރަށްތަކުން ވެސް ވަނީ ޓޫރިޒަމަށް ދޫކުރާނެ ބިންތައް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އައްޑޫ ސިޓީގެ 16 ހެކްޓަރުގެ ބިމާއި ފުވައްމުލަކުން ދެ ހެކްޓަރުގެ ބިމާއި ގދ. ވާދޫން 0.5 ހެކްޓަރުގެ ބިމާއި ލ.ގަމުން 19 ހެކްޓަރުގެ ބިމުގެ އިތުރުން ހދ. ނޮޅިވަރަންފަރުން 0.5 ހެކްޓަރުގެ ބިމާއި ހއ.ކެލާ އިން 8.5 ހެކްޓަރުގެ ބިމާއި ހއ. އުލިގަމުން 23 ހެކްޓަރުގެ ބިމެވެ.