އައްޑޫ ސިޓީ ހިތަދޫ އަތިރިމަތިން ގަވާއިދާ ހިލާފަށް ނަގައި، ފޮރުވާފައި ހުރި 122 ބަސްތާ ވެލި ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މިއަދު ހެނދުނު 6:00 ހާއިރު އައްޑޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު ފޯލޭންޑް ހިމެނޭ ސަރަހައްދުގެ އަތިރިމަތިން ވެލިނަގާ ފޮރުވާފަ ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލާ ފާސްކުރި އިރު 122 ބަސްތާ ވެލި ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.