ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝަމާލް ވިދާޅުވީ ހަރުކަށި ފިކުރުގެ އެއްވެސް މީހަކު ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި މަސައްކަތް ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.
"ހަރުކަށި ފިކުރުގެ ޑެފިނިޝަން މިހާރު އެއޮތީ ވަރަށް ކްލިއާކޮށް އެނގެން، ހަރުކަށި ފިކުރުގެ ޑެފިނިޝަންގެ މީހުން އަޅުގަނޑުމެންގެ މުއައްސަސާތަކުގައި ތިބޭ ކަމުގައި ވަންޏާ އަޅުގަނޑުމެން ނުދޭނަން އެފުރުސަތެއް، އެއްވެސް މީހަކަށް، ދައުލަތުގެ ސަލާމަތީ ހިދުމަތެއްގެ ތެރޭގައި އޭގެ މީހަކު އެގޮތަށް މަސައްކަތެއް ކުރާކަށް،" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފު ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާކަމަށެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ގައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ފިޔަވަޅުތަކާއެކު ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެން ދާނެ ކަމަށެވެ.
އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ، އަދި ޖެހިގެން ހުންނަ މީހާގެ ފުރާނަ ދުއްވާލަން ޖެހިލުން ނުވާ 1400 އާ ގާތްކުރާ އަދަދަކަށް ދިވެހިން އެބަތިބި ކަމަށެވެ.
އޭނާ ވިދާޅުވީ
ސީރިޔާ އާއި އިރާގުގައި ހިނގަމުން ދާ، ދާހިލީ ހަނގުރާމައިގައި ބައިވެރިވާން ދާން 423 ދިވެއްސަކު މަސައްކަތް ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެކަން ކާމިޔާބުވެ ސީރިޔާ އަދި އިރާގަށް ދެވުނީ، 173 ދިވެއްސަކަށް ކަމަށްވެސް ކޮމިޝަނާ ވިދާޅުވިއެވެ.