ގއ. ކޮލަމާފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

ކޮލަމާފުށި ޕޮލިސްޓޭޝަނުން ބުނީ، މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ މަރިޔަމް ޝަރީފާއެވެ.

ފުލުހުން ބުނީ، މަރުވި އަންހެން މީހާ އަކީ ގޭގައި އެކަނި އުޅޭ އަންހެނެއް ކަމަށެވެ. އޭނާ މަރުވި ކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަަމަށެވެ. އަދި މަރުވިކަން އެނގުނީ އެމީހާގެ ހަބަރެއް ނުވެގެން އަވަށްޓެރިން ގޮސް ބެލި ބެލުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހާގެ މަރުގައި ޝައްކު ކުރެވޭފަދަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ. އަދި އެމީހާގެ މަރަކީ ނޯމަލް މަރެއް ކަމަށާއި ޑޮކްޓަރުން ބެލުމަށްފަހު އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އެމީހާގެ މަރާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އާއިލާއާ ވަނީ ހަވާލުކޮށްފައެވެ. މަރިޔަމް ޝަރީފާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު އޮންނާނެއެވެ.