ރާއްޖެއަށް ފިޔާ އެތެރެކުރާ، އަވައްޓެރި އިންޑިޔާއިން ފިޔާ ބޭރުކުރުން މަނާ ކުރުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އަގު އުފުލިފައި ވާ ފިޔާގެ އަގު ބޮޑުވިޔަ ނުދޭން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފިޔާ ގެނެސްފައި ވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ބުނީ އިންޑިއާއިން ކަނޑުމަގުން ފިޔާ ބޭރުކުރުން މަނާ ކުރުމުގެ ސަބަބުން ފިޔާ ގެނައުން ހުއްޓިފައި އޮތީ ކަމަށެވެ.
އަދި މިކަމަށް ހައްލެއް ގެނައުމަށް އެސްޓިއޯއިން ވަނީ ވައިގެމަގުން ފިޔާ ގެނެސްފައެވެ. އަދި ފިޔާ ކިލޯއެއްގެ 40 ރުފިޔާއަށް ވިއްކަމުން ދާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ބާޒާރުގައި 45 ރުފިޔާއަށް ވިއްކަމުން ދިޔަ ފިޔާ ކިލޯ 70 ރުފިޔާއަށް ވުރެ މައްޗަށް އަރައިފައި ވާއިރު، މިއަދު ބާޒާރުގެ ގިނަ ފިހާރަތަކުގައި ފިޔާ ބަސްތާއެއް ލިބެނީ 750-900 އާ ދެމެދުގެ އަގެއްގައެވެ.
މިއީ މިއަހަރު ތެރޭ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އުފުލުނު ދެވަނަ ފަހަރެވެ.
ފިޔާގެ އަގު އުފުލެނީ އިންޑިއާއިން ފިޔާ ވިއްކާ އަގަށް ބަދަލުތައް ގެނައުމުގެ ސަބަބުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ފިޔާގެ އަގު ބޮޑުކޮށްފައި ވާއިރު މި ހަފްތާ ތެރޭގައި އޭޝިއާގެ ގައުމުތަކުގައި ފިޔާގެ އަގު ހުރީ ކިލޯއެއް ހަތަރު ޑޮލަރު (61.68ރ) ގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
އޭރު އިންޑިއާއިން ފިޔާގެ އަގު ބޮޑު ކުރީ އެ ގައުމަށް ކުރި ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ލިބުނު ގެއްލުމާ ގުޅިގެން ފިޔާ އުފެއްދުން މަދުވުމުންނެވެ. އަދިވެސް އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލެއް ނުކުރެއެވެ.
ރާއްޖޭގެ ބާޒާރުގައި ފިޔާގެ ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އިންޑިއާއިން ގެންނަ ފިޔާގެ އަގު ބޮޑުވި ނަމަވެސް ރަތް ފިޔާ (ޗައިނާއިން އެތެރެ ކުރާ ފިޔާ) ގެ އަގަށް ބަދަލެއް ނާންނަ ކަމަށެވެ. ރަތް ފިޔާ ބަސްތާއެއް ބާޒަރުގައި ހުރީ 650ރ. އަށެވެ.