އުރީދޫގެ ފުރަތަމަ އާއްމު ޖަލްސާގައި އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް މުހިއްމު އިސްލާހުތަކެއް ގެނެސްފިއެވެ.
ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ އާންމު ޖަލްސާގައި އުރީދޫއިން ބުނީ މި އިސްލާހުތަށް ގެނައީ، އާ އަހަރެއް ފެށުމުގެ ކުރިން އިސްލާހުތައް ގެނައުމަށް ކަމަށެވެ. އުރީދޫގެ އަސާސީ ގަވައިދަށް މައިގަނޑު ތިން އިސްލާހެއް، ރޭގެ ޖަލްސާގައި ވަނީ ގެނެސްފައެވެ.
އެގޮތުން، މޯބައިލް މަނީ ހިދުމަތާ އެކު މާލީ ދާއިރާ އަށް އެ ކުންފުނި ހުޅުވައިލުމުގެ ވާހަކަ އަސާސީ ގަވައިދަށް އިތުރު ކުރުމާއި އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން ވެސް އުރީދޫން ދޭ ހިދުމަތްތަކުގެ ލިސްޓަށް ރޭ ވަނީ އިތުރުކޮށްފައެވެ. އަސާސީ ގަވައިދަށް ގެނައި އިސްލާހުތަށް ފާސްވެފައިވެފައި ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92.38 ޕަސެންޓުންނެވެ.
އުރީދޫގެ ހިންގާ ގަވައިދުގެ 10 މާއްދާ އަކަށް ވެސް ވަނީ އިސްލާހުގެނެސްފައެވެ. އެގޮތުން، ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ މާއްދާތަކާއި ބޯޑު މީޓިންތައް ބޭއްވުމުގައި އަމަލު ކުރާ ގޮތްތަކަށް ބަދަލު ގެނައުމާއި އާންމު ހިއްސާދާރުން ކަނޑައަޅާ ބޯޑު މެންބަރުންގެ މުއްދަތު ހިންގާ ގަވައިދުގައި ހިމެނިއެވެ. އެގޮތުން 2017 ވަނަ އަހަރު އާންމު ހިއްސާދާރުންގެ ފަރާތުން ހޮވި ޑިރެކްޓަރުގެ މުއްދަތު އަންނަ އަހަރު ހަމަވާކަން ހިންގާ ގަވައިދަށް އިތުރު ކުރި އެވެ. މި އިސްލާހުތައް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 92 ޕަސެންޓުންނެވެ.
ރޭގެ އާންމު ޖަލްސާގައި އުރީދޫގެ 59 ހިއްސާދާރަކު ވަނީ ބައިވެރިވެފައެވެ. އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 32 މީހުން ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ހިއްސާދާރުންގެ 75 ޕަސެންޓް ތަމްސީލް ކުރިއެވެ.
ރޭގެ މި ޖަލްސާގައި ވަނީ އުރީދޫގެ ހިންގުމާ ގުޅޭ ގޮތުން ވެސް ހިއްސާދާރުންނާ މަޝްވަރާ ކޮށްފައެވެ. އުރީދޫގެ ދެން އޮންނަ އަހަރީ ޖަލްސާ އަންނަ އަހަރުގެ މާޗް މަހު ބާއްވާނެކަން ވެސް ބޯޑުން ރޭ ވަނީ އިއުލާންކޮށްފައެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މި އަހަރުގެ މާޗު މަހެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 544 މިލިއަން ރުފިޔާ ލިބުނު އިރު ހިއްސާދާރުން ހިއްސާއަކަށް 3.22ރ. ގެ މަގުން ފައިދާ ބަހަން ވަނީ ނިންމާފައެވެ. ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފެށީ 2017 ވަނަ އަހަރެވެ.